ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

Ads by Asuru
އެ ރަށު ކައުންސިލުން ބުނީ، މޫދުގައި ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށެވެ. ނިޔާވެފައި އޮއްވައި ފެނުނީ އެ ރަށު ނިޔަދުރުމާގެ، އައިމިނަތު އުމަރެވެ.
ފުލުހުން ބުނީ ދަނބިދޫގެ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނިގެން، ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު ހަވީރު 4:55 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް، އެ އަންހެން މީހާ ނިޔާވެފައިވާއިރު، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވި މީހާ އަކީ އާންމުކޮށް މޫދަށް ގޮސް އުޅޭ އަންހެނެއް ނޫން ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އަންހެން މީހާ މޫދަށް ދިޔައީ، މިއަދު ފަންގިވިންނަން އުޅުމަށްފަހު، އަސުރު ނަމާދުގެ ކުރިން،  3:30ހާއިރުއެވެ. އޭނާ ނިޔާވެފައި އޮއްވައި ފެނިފައި ވަނީ މިއަދު ހަވީރު 4:50 ހާއިރެވެ.