މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާ އަގު ކޮންމެ ހަފްތާއަކު ކަނޑައަޅާ ގޮތަށް ނިންމައިފިއެވެ.

Ads by Asuru
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް ބުނެފައެވެ.

އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ ކަމަށާއި ތަނުގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން އަންނަ މަހުގެ އެއްވަނަ ދުވަހު ދެވިގެންދާނެ ކަމަށެވެ.

މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައިވާކަން ވެސް މިފްކޯ އިން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.