ރާއްޖެއިން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން ”ފަލަސްތީނާއެކު ދިވެހީން“އަށް ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރިއާ ހަވާލުކޮށްފިއެވެ.

Ads by Asuru

މި ޓެލެތޯން ކުރިއަށް ގެންދިޔައީ، ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ޓެލެތޯނަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފްރެންސްގައި ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.

އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ޕީއެސްއެމްއަށް އެ ޓެލެތޯން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ އެހީތެރިކަމާއެކުގައި ކަމަށް ޒީނާ ވިދާޅުވިއެވެ.

ޒީނާ ވަނީ އޮންލައިން ނޫސްތަކުންވެސް އެ ޓެލެތޯންގެ މައުލޫމާދު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވެދިން އެހީތެރިކަމަށާއި ދިން އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ޒީނާ ވިދާޅުވީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެ ޓެލެތޯންގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި އެގޮތުން މިނިވަން އޮޑިޓަރެއްގެ ބެލުމުގެ ދަށުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްއާރު) މޯލްޑިވްސް އިން ވެދިން އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.