ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ ގްރޭޑްތަކަށް އިނގިރޭސި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ’ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ)‘ ޕްރޮގްރާމްގެ ދެވަނަ ބުރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

Ads by Asuru

2 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމާއި، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ޙަރަކާތްތެރިވާނެ ޓީ.އޯ.ޓީން ތަމްރީނުކުރުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި 2024 ޖޫން 29 އިން ޖުލައި 3 ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލު ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ޢަދީލް ނަޞީރެވެ.

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ)ގެ އެހީގައި ކުރިޔަށްގެންދިޔަ މިޕްރޮގުރާމަކީ، އިނގިރޭސި މާއްދާ ކިޔަވައިދެއްވާ މުދައްރިސުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 55 ބޭފުޅުން އަދި ދެވަނަ ބުރުގައި 58 ބޭފުޅުން ވަނީ ތަމްރީނު ފުރިހަމަ ކުރައްވާފައެވެ. މުޅި ޖުމްލަ 113 ޓީ.އޯ.ޓީން ވަނީ މި ޕްރޮގްރާމުގެ ތެރެއިން މި ތަމްރީނު ފުރިހަމަ ކުރައްވާފައެވެ.

މި ތަމްރީނު ޕްރޮގުރާމް ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް ފަސީލާ ޝަކީބެވެ.