ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ އޮންނާނެއެވެ.
ކޮންގްރެސް ޕީޖީ މީޑިއާ އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި، މާދަމާ ރޭ 8:30ގައި، ކޮންގްރެސް ޕާޓީގެ ހަރުގެ، ހ.ވެޔޮވިލާގައި ބާއްވާ މި ޖަލްސާގެ ދައުވަތު ވަނީ ދީފައެވެ.

ޕީއެންސީގެ ހަރުގޭގައި ސިލްސިލާކޮށް ޖަލްސާތައް ބާއްވަން ފެށިއިރު، އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީީސް މުއިއްޒު މީގެ ކުރިން ދެ ހަރުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ރައީސް ވަނީ، ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހިންގައިގެން ދައުލަތުން ގެއްލުވާލާފައިވާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ހޯދޭ ގޮތަށް އެސެޓް ރިކަވަރީ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާކަން ހާމަކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދަށް ގެންނާނީ ދައުލަތުގެ ފައިސާއާއި މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފައިދާ ހޯދާ މީހުންގެ އަތުން އެ ތަކެތި ދައުލަތަށް ހޯދޭނެ ފަސޭހަ ގޮތަކަށް ކަމަށެވެ.
އަދި ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ހޯދައި، ބޭރު ގައުމެއްގައި އެފަދަ ފައިސާ ރައްކާކޮށްފައި ހުއްޓަސް ހޯދޭ ގޮތަށް ގާނޫނު ފަރުމާކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ު

