ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފުރާވަޑައިގެންފިއެވެ.

Ads by Asuru

މިދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހދ. ނައިވާދުއަށެވެ. އެއަށް ފަހު، އެ އަތޮޅު ފިނޭއަށާއި ހއ. އުތީމަށް އަދި އެ އަތޮޅު ދިއްދު އަށް ވަޑައިގަންނަވާނެއެވެ.

ގައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އުތީމަށް ކުރައްވާ ދަތުރުގައި އެމަނިކުފާނާ އެކީ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް އެ ރަށަށް ވަޑައިގަންނަވާނެއެވެ.

ތިލަދުންމަޔީގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެެ ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިންމައި ޚިދުމަތްތައް ރަސްމީ ގޮތުން އިފުތިތާހުކޮށްދެއްވާނެއެވެ. އޭގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެއެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޒޯން 1 ގެ ޚިދުމަތް ފަށައި އެނިޒާމް އެ ސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ދަތުރުނިންމަވާލެއްވުމަށް ފަހު، ރައީސް މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހުއެވެ.