ދިވެހި އަސްކަރިއްޔާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެން ސިފައިން ގިނަ ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި، އަސްކަރިއްޔާގެ އެންމެ މޮޅު ހަތިޔާރަކީ ސިފައިންގެ މީހާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Asuru

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަސްކަރިއްޔާގެ އެކި މަގާމުތަކުގައި މިހާރު ވެސް އަންހެން ސިފައިން އެބަތިބި ކަމަށެވެ.

އެހެންނަމަވެސް އަސްކަރިއްޔާއަށް ބަލާއިރު، އަންހެން ސިފައިގެން އަދަދު އަދިވެސް މަދުކަން ފާހަގަކުރައްވާ ވިދާޅުވީ މިޙާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަންޖެހޭ ކަމަށެވެ. އަދި، އަސްކަރިއްޔާއާއި ގުޅުމަށް ދިވެހި ކަނބަލުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އަސްކަރިއްޔާއެއް ވުޖޫދުކޮށް ގާބިލްކަން ހޯދާދީ ދަމަހައްޓަނީ ގައުމުގެ ދިފާއާއި ސަލާމަތް ކަށަވަރުކުރުމަށްޓަކާ ކަމަށެވެ.

ގައުމެއްގެ އަސްކަރިއްޔާ ވަރުގަދަވަނީ ހަމައެކަނި ހަތިޔާރާއި އާލާތަކުން ނޫކަން ފާހަގަ ކުރައްވައި، ސިފައިން ޤައުމީ ދިފާޢުގެ އައްޑަނަ ކަމުގައި ވެގެންދަނީ ސިފައިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ބަދަހި ގުޅުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަފުތަކަށް ބަދަހިކަން ހޯދަނީ އެކެއް އަނެކެއްގެ ކިބައިން ކަމަށާއި، އަސްކަރިއްޔާއަކީ ގުޅިފައިވާ އެކަތި ގަނޑެއް ކަަށެވެ.

މިޚިދުމަތުގައި ދެމިހުންނަ އިރު، އެމީހާ ކުރާނެ މަސައްކަތާއި، އަދާކުރާނެ ދައުރާއި، މަސައްކަތްކުރަންޖެހޭނެ ތަން ކަނޑައަޅާނީ އަސްކަރިއްޔާއިންކަން ފާހަގަކުރައްވާ ވިދާޅުވީ ވަކި ރަށެއްގެ ނުވަތަ ވަކި ފެންވަރެއްގެ މީހަކަށް ވީތީ ނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެ، ނުހުރެވޭނެ ތަނެއް، ނުދެވޭނެ ޕޯސްޓެއް ހުރެގެން ނުވާނެ ކަމަށެވެ.

”އަސްކަރިއްޔާގެ އެންމެ މޮޅު ހަތިޔާރަކީވެސް، އެންމެ އަގުބޮޑު ރައުސްމާލަކީވެސް ޚުދު ސިފައިންގެ މީހާ. ސިފައިންގެ ކިބައިގައި ނެތް މޮޅުކަމެއް، ކުޅަދާނަކަމެއް، ޤާބިލްކަމެއް އަސްކަރިއްޔާއަކު ނުހުންނާނެ.“ މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.