އޭނާ އަކީ ރާއްޖޭގައި ކެސީނޯ އަޅަން ޝައުގުވެރިވާ މީހެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެެއެވެ.

Ads by Asuru

މަހުލޫފު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގައި ކެސިނޯ އެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެންޖެހޭ ކަމަށް އޭނާ ވިދާޅުވުމުން، ގިނަ ބަޔަކު އެވާހަކައަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ ލައިސަންސް ނުދެނީ ކީއްވެތޯ މިނިސްޓަރު މަހުލޫފުއާ ސުވާލު ކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށާއި އެކަމުގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.

އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ.

މަހުލޫފު މިއަދު ވިދާޅުވީ އޭނާ އަކީ ރާއްޖޭގައި ކެސިނޯ އަޅަން ތާއީދު ކުރާ ފަރާތެއް ނޫން ކަމަށާއި، އެކަމަށް ވަކާލާތުވެސް ނުކުރައްވާ ކަމަށެވެ.