އައްޑޫ ސިޓީގައި ކުރީ ސަރުކާރުން އަޅަން ނިންމާފައިވާ އާ އިންޖީނުގޭގެ އިމާރާތް 44 މިލިޔަން ރުފިޔާއަށް ނިންމެން އޮއްވައި އެ މަޝްރޫއަށް 76 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކުރީ ސަރުކާރުން ހަރަދު ކޮށްފިއެވެ.
މިކަން ހާމަ ކުރެއްވީ، ފެނަކަ ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ.
ނަމަވެސް އެ މަޝްރޫއުއަށް ބޮޑު ހޭދައެއްކޮށް، ފެނަކައިން 99 މުވައްޒަފުން ނަގާފައިވާއިރު، އެ މުވައްޒަފުންގެ ހަރަދަށް އެކަނިވެސް 22.1 މިލިޔަން ރުފިޔާ ހަރަދު ކުރި ކަމަށް މުއާޒް ވިދާޅުވިއެވެ.
އޭނާ ވަނީ މި މަޝްރޫއުއަށް 76.3 މިލިޔަން ރުފިޔާ ކުރީ ސަރުކާރުން ޚަރަދުކުރިއިރު ވެސް އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމާ ނުލެވޭކަމަށް ވިދާޅުވެފައެވެ.
”އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓު މައްސަލަތަކުގެ ސަބަބުތައް. މާކެޓް ރޭޓުގައި 44 މިލިއަން ރުފިޔާ އަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކުރިއިރުވެސް ނުނިމުން. ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވުން.“ މުއާޒު ވިދާޅުވިއެވެ.
ކަރަންޓާ ނުލާ އުޅެން ދަސް ކުރަން ޖެހޭ ކަމަށް މުއާޒު ވިދާޅުވި ކަމަށް ބުނެ ފެތުރި ޕޯސްޓެއްގައި ވަނީ ރޯ ބުހުތާނު ދޮގު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

