އަވަށްޓެރި އިންޑިއާ ރުހޭ ގޮތަށް ނޫނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްވެސް ކަމެއް ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސައީދު މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީން ރޭ ގެނެސްދިން ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ މަސައްކަތްޕުޅުތައް ސިފަ ކުރެވިގެންދަނީ އިންޑިއާގެ ”އެޖެންޓެއް“ ގޮތަށް ކަމަށާއި، އެމަނިކުފާނު ހުރިހާ ކަމެއްވެސް ކުރައްވަނީ އެގައުމުގެ މަސްލަހަތަށް ކަަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި، މިއަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހު ބޭއްވި ހަރަކާތާއި ދެކޮޅަށް އެއްވި އެއްވުމުގެ ތެރެއިން ހިނގާ ދިޔަ ހަމަނުޖެހުމުގެ މައްސަލައިގައި 18 މީހެއްގެ މައްޗަށް ދައުވާކުރި ކުރުމަށް އިޝާރާތް ކުރައްވައެވެ. ސައީދު ވިދާޅުވި ގޮތުގައި، މި މައްސަލައިގައިވެސް ރައީސް މަސައްކަތް ކުރެއްވީ އިންޑިއާ ރުއްސުމަށެވެ.

”ތޯތޯ ވާހަކައަކަށްވުރެ، މިއަދު މިކަން ބިރުވެރިކަމުގެ ތެރެއަަށް ގޮސްފި. މިއީ ދެން، ދަތި ވާހަކައެއް، ދައްކަންވެސް. ރައީސް ސޯލިހުގެ ވެރިކަން މި އޮންނަނީ އިންޑިއާ ބޭނުންވީމަ، ބޭނުން ވާވަރަކަށް، އިނގޭތޯ.“ ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސައީދު ވަނީ ފޮރިން މިނިސްޓަރު ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ހުރިހާ އަމަލުުފުޅުތަކެއްވެސް ބައްޓަން ކުރައްވާފައިވަނީ ސީދާ އިންޑިއާ ރުހޭނެ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

ސައީދު ވަނީ ޔޯގާ ހަރަކާތް ބޭއްވި ދުވަހު، ބޭރުގެ ޑިޕްލޮމެޓުންނާއެކު، އެފަދަ އިވެންޓެއް ކުރިއަށް ދިޔައިރު، ބަޔަކު ހަމަނުޖެހުން ހިންގަން ރޭވިކަން ފުލުހުންގެ އިންޓެލިޖެންސަށް ނޭނގި އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ސައީދު ވިދާޅުވީ ޔޯގާ އިވެންޓް ބޭއްވުމާމެދު ހިޔާލުތަފާތުވުންތައް އޮތްކަން ފުލުހުންނަށްވެސް ކުރިން އޮތީ އެނގިފައި ކަމަށާއި، އެެެެހެންނަމަވެސް، ގަލޮޅު ދަނޑު ހުޅުވާލައިގެން، ހަމަނުޖެހުން ހިންގަން ފުލުހުން ފުރުސަތު ދިނީ ކަމަށެވެ.