ހދ.ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޮޅިވަރަން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށް ވާހިނދު، ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާ ނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށެވެ.
މިއީ ސަރުކާރުން ކައުންސިލުގެ ކިބައިން އެދޭ އެދުމެއްކަމަށް ވިދާޅުވެ، މިކަން ކުރަން ކައުންސިލަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.
ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހިންގާ މަޝްރޫޢުތައް ރާއްވަވާފައިވާނީ ސަރުކާރުގެ ދެމެހެއްޓެވިނި ތަރައްޤީގެ ސިޔާސަތުގެ ތެރެއިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، އެ އޮންނަ އިންތިޤާލީ މަރުޙަލާގައިވެސް ސިއްޙީ މަރުކަޒުގެ ޚިދުމަތް ހަރުދަނާކުރަން ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކޮށްދެއްވަމުން ގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް، ނޮޅިވަރަމުގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްގީ ކުރާނީ އެހެން ރަށްރަށަށް ވުރެ ފުޅާކޮށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރަށުގެ ފުޓުބޯޅަ ދަނޑުވެސް ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑަކަށް އަޕްގްރޭޑްކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

