ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރަމަށް އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނެއްލައިދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
އޭގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ހިދުމަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއު ގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރާއި އަންނައަހަރު ކޮށްދެއްވާނެކަމަށެވެ.
މީގެއިތުރުން ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.
މިއީ ރިޔާސީ އިންތިހާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫއުއެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މި މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ވަސީލަތްތައް ޤާއިމްކުރެވޭއިރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަކޮށް، މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

