މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު އިސްލާހު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ.ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ަރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލު އިސްލާހުކުރަން ޕީއެންސީގެ މެމްބަރުންނަށް އަންގަވާފައިވާނެ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ރައީސް ވިދާޅުވީ މީޑީއާތައް ކޮންޓްރޯލް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއްވެސް ނޫން ކަމަށެވެ.

ނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް ރައީސަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސް ވިދާޅުވީ އެއީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި ބިލު އިސްލާހުކުރާއިރު، އެ ކޮމިޝަނަށް ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުން ވޯޓުލައިގެން އިންތިހާބުކުރާ މީހެއް ކަމަށް ކަނޑައަޅަން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް އަންގާފައިވާނެ ކަމަށެވެ.

މީޑިއާތައް ވާންޖެހޭނީ މިނިވަންކަމާއެކު ހިންގާ ބަޔަކަށް ކަމަށާއި މީޑިއާ ރެގިއުލޭޓް ކުރުމުގައި އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަން ބޭނުން ނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.