ރާއްޖޭގެ ރަށްރަށް ބެހިފައިވާގޮތުން، ހދ. މަކުނުދޫއަކީ ވަކިންއެކަހެރިކޮށް، ދަތުރުފަތުރު ކުރުމުގައި އުނދަގޫ ހިސާބެއްގައި އޮންނަ ރަށެއްކަމަށްވާތީ އެރަށުގައި އެއާޕޯޓެއް ގާއިމްކުރުމަކީ ޒަރޫރީ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މަކުނުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން ރަށުގެ ދަތުރުފަތުރާއި އިޤްތިޞާދަށް އަންނާނެ ކުރިއެރުން ފާހަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށްކަމަށެވެ.

ހދ. މަކުނުދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި މިއަދުގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ.

އޭގެ ތެރޭގައި މަކުނުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އިތުރުން މަކުނުދޫ މަގުހެދުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

މި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަކުނުދޫގައި 1800 މީޓަރުގެ ރަންވޭއެއް ހެދުމާއި، އެއާޕޯޓްގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށާއި ރަށުގެ ގެދޮރުއެޅުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާވަރަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަށުގެ ބޭނުމަށް ބާވީސް ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަކުނުދޫ އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަކުނުދޫގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރަށުގެ ސިއްހީ މަރުކަޒު ތަރައްޤީ ކުރަނީ އެންމެ މަތީލެވެލް ކަމަށްވާ، ލެވެލް ހަތަރެއްގެ ޞިއްހީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން ޖާގައާއި ވަސީލަތްތައް އިތުރުވެގެންދާއިރު، އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން އެކްސްރޭގެ ހިދުމަތާއި ޑަޔަލިސިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު މަކުނުދޫގައި އަމަލީ މަސައްކަތް ފެށި އަދި ސޮއިކުރެވުނު ކޮންމެ މަޝްރޫޢަކީވެސް ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ މަޝްރޫއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.