”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓުގެ ތެރެއިން، މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އެއްބަސްވުން ހަދައިފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ 24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ތަރައްޤީ ކުރި 4000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އަދި އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.
އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ އެފްޑީސީން ބުނެއެވެ.

