ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ދަތިކޮށް ހުރަސް ނާޅާނެ ސަބަބު އެމަނިކުފާނު ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.

މިރޭ، ހދ.ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ސަބަބުން، ބައެއް ކައުންސިލުތަކުން، ހަގީގަތް ނޭނގި ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، މި ސަރުކާރުގެ އަމާޒަކީ ކައުންސިލުތައް ބާރުވެރިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާއަށް އަލިއަޅުވައިލައްވައި، ކައުންސިލަރުންނަށް ދަތި ކުރުމުން ވާ އުނދަގޫ އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު، އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އޭރުގެ އެމްޑީޕީ ސަރުކާރުން ނުދޭ ކަމަށެވެ.

އެހެންވެ، ސަރުކާރަކުން ލާމަރުކަޒީ ނިޒާމަކަށް ހުރަސް އެޅުމުން، ވާ ގޮތާއި، އެކަމުގެ ސަބަބުން ދަތިވާ މިންވަރު އެމަނިކުފާނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ލޭންޑް ޔޫސް ޕްލޭން ހަދާފަ ހުށަހަޅައިގެން، އަހަރު ދުވަސްވީއިރު ވެސް ފާސްކޮށްނުދޭ. ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހަދަން ވެގެން ހުށަހެޅީމަ، އަޅުގަނޑު އެ މަގާމުން ވަކިވީއިރުގައި ވެސް އޮތީ، ހުއްދަ ނުލިބި.“ ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ތަރައްގީ ގެނައުމަށް ކައުންސިލަކުން ހުށަހަޅާ ލޭންޑް ޔޫސް ޕްލޭނަކަށް މި ސަރުކާރުން ދެކޮޅު ނުހަދާނެ ކަމަށެވެ. ނަމަވެސް އޭގެ ބޭރުން ހުށަހަޅާ ކަންކަން، މި ސަރުކާރުގެ ސިޔާސަތާ އެއްގޮތްތޯ ބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު މޭޔަރަކަށް ހުރިއިރު، އޭރުގެ ސަރުކާރުން އެ ކުރި ޖެއްސުންތަކާ ހުރަސްތަކާ އެކަންކަން، އަޅުގަނޑު މިހުރީ އަޒުމް ކަނޑައަޅައިގެން، އަޅުގަނޑުގެ ސަރުކާރަކުން އެއްވެސް ކައުންސިލަކާ ދިމާވިޔަ ނުދޭން.“ ރައީީސް ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ، މި ސަރުކާރުން ކައުންސިލުތަކަށް ދަތި ނުކުރާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމު ”ޗެމްޕިއަން ކޮށްދިނުން“ އެއީ އެމަނިކުފާނުގެ އަޒުމެއް ކަމުގައެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މުޅިން އަލަށް ފަހިކޮށްދިން ކަންކަމަށް ވެސް ރައީސް ވަނީ އަލިއަޅުވައިލައްވައިފައެވެ.

”އެހެންވީމަ، މި ހުރިހާ ކުރިއެރުންތަކެއް މި ގެނެސްދެނީ، މިސާލަކަށް ޑަބްލިޔުޑީސީތައް. ޑަބްލިޔުޑީސީތަކަށް އަޅުގަނޑުމެން މިހާރު ގާނޫނު އިސްލާހުކޮށްދީގެން، މިވަނީ ރޯދަމަހުގެ އިނާޔަތް ވެސް ލިބޭގޮތަށާއި، އަދި އެއީ މުސާރައެއް ނޫން ކަމުގައި ވިޔަސް، އެބޭފުޅުންނަށް ލިބެނީ މުސާރައެއް ކަމުގައި ނުވިޔަސް، އެ ދަރަޖަ ދީގެން، ދެން ގާނޫނުގަ މުސާރަ ލިބޭ ފަރާތްތަކަށް އޮންނަ ހައްގުތައްވެސް ހޯދަދީފަ. ވިހެއުމުގެ ޗުއްޓީއާ، މިހެން ހުންނަ ހުރިހާ ކަމެއް ވެސް.“ ރައީސް ވިދާޅުވިއެވެ.

 

 

 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހދ.ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ- ފޮޓޯ/ ރައީސް އޮފީސް

ަރައީީސް ދެއްކެވި ވާހަކަފުޅުގައި، ދެ މަޝްރޫއުއަކަށް ބަހާލައިގެން، ރާއްޖޭގެ 105 ރަށެއްގެ ކައުންސިލު އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަން ފާހަގަކުރެއްވިއެވެ.

ޗައިނާގެ ހިލޭ އެހީގައި، އެ ތަނުން އެއް ރަށުގެ ކައުންސިލް އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަން ވެސް ރައީސް މިރޭ ފާހަގަކުރެއްވިއެވެ.

ކައުންސިލުތައް ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ކައުންސިލުތައް މާލެ ގެނައުމުގެ ބަދަލުގައި، ކައުންސިލަރުންނާ ބައްދަލުކުރެއްވުމަށް، ހުދު އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަމުން ގެންދަވާ ކަމުގައި ވެސް ރައީީސް މުއިއްޒު ވިދާޅުވިއެވެ.

”މާލެއަކަށް އަޅުގަނޑު ބޭނުމެއް ނޫން ގެންނާކަށެއް. އަޅުގަނޑު ބޭނުންވަނީ ކައުންސިލްތަކާ ގާތަށް އަންނަން.“ ރައީސް ވިދާޅުވިއެވެ.

ކައުންސިލުތަކާ ބައްދަލުކުރުމުގެ ފުރަތަމަ ބުރު ނިންމަވައި، ދެވަނަ ބުރުގެ ދަށުން، ކުޅުދުއްފުށި ސިޓީ ކައުންސިލު ހިމެނޭހެން 74 ކައުންސިލަކާ ރައީީސް ވަނީ ބައްދަލުކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވާ ދެވަނަ ދަތުރު ވެސް ނިންމަވައިލެއްވުން ކަމަށެވެ.