އިންޝުއަރެންސްއާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 18 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުއްވުމުގެ މަގްސަދަކީ، ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމު ކުރެއްވުމެވެ.

އިންޝުއަރެންސް ވިޔަފާރިކުރުމާގުޅޭ އާންމު ހަމަތަކާއި، އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާގުޅޭ ކަންކަން މި ބިލުގައި ހިމަނުއްވާފައިވެއެވެ.

އަދި އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓް އޮންނަންވީ ގޮތާއި، ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރަންސް ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.

ބިލުގައި ހިމެނޭ އިތުރު ކަންކަމަށް ބަލާއިރު، އިންޝުއަރެންސް ޚިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި، އިންޝުއަރެންސް އިންޓަރމީޑިއަރީންއާ ގުޅުންހުރި އުސޫލުތައް ހިމަނުއްވާފައިވެއެވެ.

ހަމަމިއާއެކު ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުން، އަދި އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ޙާލަތު ބެލުމާ ގުޅުންހުރި ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަން ހަމަތަކާއި، ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރ ޢައްޔަންކުރުން، އަދި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި ޢަމަލުކުރާނެ ގޮތުގެ ހަމަތަކާއި އުސޫލުތައްވެސް ބިލުގައި ހިމަނުއްވާފައިވެއެވެ.

ރައީސް، މި ބިލު ތަސްދީގު ކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެއްވުމާއެކު، ”އިންޝުއަރެންސްއާބެހޭ ގާނޫނު“ އަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.