މީހަކު މަރަން ބުނެފައި ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރައްވައިފިއެވެ.

ފަލާހު މިހެން ވިދާޅުވީ  ނޫސްވެރިން ”އުލުބައިދަންވީ“ ކަމަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވާތީ، އެ މައްސަލަ ތަހުގީގުކުރަން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

އެކްސްގައި ޕޯސްޓެއް ކުރައްވައި ފަލާހު ވިދާޅުވީ އޭނާ މީހަކު މަރަން ބުނެފައި ނުވާނެ ކަމަށެވެ.

”އަޅުގަނޑު ނޯންނާނެ މީހަކުމަރަން ބުނެފައެއް،“ ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މީޑިއާ ބިލަށް ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރެއް މީގެ ކުރިން ގެނެސްދިން ކަމަށާއި އެފަދަ މީޑިއާތައް އުލުބައިންދަންޖެހޭ ކަމަށެވެ.

ފަލާހުގެ މިވާހަކައަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ފަލާހު ދެއްކެވި ވާހަކަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމާ ގުޅޭގޮތުން ލަފައަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.