އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީީސްގެ ހިތާބު ފައްޓަވާފައިވަނީ، ހިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ، އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރުޙަބާއާއި ޝުކުރު ދަންނަވަމުންނެވެ.

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ރައީސް ހަމަޖެއްސެވީ، މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް 7 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިގްތިސާދަށް، އަދި އިޖްތިމާއީ ހުރިހާ ހިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

2040 ވަނަ އަހަރަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި، ތަޖުރިބާއާއި، އެހީތެރިކަމަށް މި ގައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމުގައި ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސްގެ ހިތާބުގައި ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބު ނިންމަވާލައްވާފައިވަނީ، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއް ކަމަށާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްގީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރެއްވި ގައުމީ ވާޖިބަށް ސާބަހާއި ތާރީފު ހައްގު ކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއަށް ތަހުޒީބާއި ވިޔަވަތިކަމުގެ ރަން ޒަމާނެއް މިންވަރު ކުރެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.