ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.
އެސްސީއޯ ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުން އޮތީ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް 29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.
ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

