ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ) އިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެމްޓީޑީ އުވާލަން ނިންމާ އެކަން އީސީ އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
އެ ޕާޓީން ދައްކަންޖެހޭ ދަރަންޏެއްވާނަމަ މިދިޔަ މަހުގެ 31 ގެ ނިޔަލަށް އެކަން އެޕާޓީއަށް ހުށަހަޅައި ނިންމުމަށްވެސް އީސީން އެދިފައިވެއެވެ.
އެމްޓީޑީ އުފައްދާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

