ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ޗައިނާގެ ބެއިޖިންގެ ޓިއަނަންމެން ސްކޮއަރގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވީ، ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދައުވަތަކަށެވެ.
ޗައިނާގެ ރައީސް، ޝީ ޖިންޕިން ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމަނިފާނުގެ އަރިހުގައި އެ ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި، މިހާރު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ އެހެން ގައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ، ދެއްވި ފުރަމާނަޖާފަތަކަށްފަހުގައެވެ.
ރައީސް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

