”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެއްބަސްވުން ހަދައިފިއެވެ.
އެފްޑީސީން ބުނީ 24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ތަރައްގީ ކުރި 4000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ 3،032 އަށް މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އަދި އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.
އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހުންނާނީ ހަރުކޮށްފައެވެ.

