ބ. ދޮންފަނުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދޮންފަނުގެ ބިން ހިއްކަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހު ރައީސް މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ނަމަވެސް، ދޮންފަނުގެ ބިން ހިއްކައިފިނަމަ އެ ރަށް ކައިރީގައި އޮންނަ ހަނިފަރު ސަރަހައްދަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ މަޝްރޫއު ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލިއެވެ.

އަދި މަޝްރޫއު ހުއްޓާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފެށިއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާ ކަމަށެވެ.

”މި ގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވައުދު ވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިކަން ރަސްމީކޮށް ކައުންސިލަށް ކަމާބެހޭ ވުޒާރާއިން ލިޔުމުން މިއަދު އަންގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.