މި ސަރުކާރުން ރާއްޖޭގެ އަތޮޅުތައް އުވައިލަން އުޅޭ ކަމަށް ބުނެ ބައެއް ފަރާާތްތަކުން ފަތުރަމުންދަނީ ”ޒިންމާދާރުކަން ކުޑަ“ ވާހަކަތަކެއް ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލަން އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

އެއާއެކު އިދިކޮޅު ޕާޓީތަކުން އަންނަނީ އެއީ ”އަތޮޅު އުވާލުން“ ކަމަށް ސިފަކުރަމުންނެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަ“ދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެއީ މިހާރުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފް ކުރިއިރު އެމްޑީޕީން ޕްރޮވިންސްތަކެއް ހެދުމުގެ ނަތީޖާއަކީ އެކި ކަންކަމުގައި މާލެއަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވުން ކަމަށާއި، ރަށްރަށުގެ ކައުންސިލް ރައީސުން އަތޮޅު ކައުންސިލްތަކުގައި ވެސް މަސައްކަތް ކުރަން ޖެހޭ ގޮތަށް ފަހުން ބަދަލުކުރި ކުރުމާއެކު ބައެއް ކައުންސިލަރުންގެ ޒިންމާ އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މިހާރު އަތޮޅު ކައުންސިލްތައް އެކުލަވާލާފައި އޮތްގޮތް ބަދަލު ކުރުން ކަމަށެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، މިހާރު އަމަލު ކުރަމުން މިއަންނަ ލާމަރުކަޒީ ނިޒާމު އޮތްގޮތުން, އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯންނަ ކަމަށެވެ.