ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިޒްރޭލުގެ އެ ހަމަލާއަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި ކަނޑައެޅިގެން ގަތަރުގެ ސިޔާދަތާއި ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ހަމަ އެއާއެކު، ރާއްޖެ ދެމިއޮތީ ގަތަރާ އެކުގައި ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވައިފައިވެއެވެ.

ރައީސް ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ގަވައިދުތަކާ ހިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫހެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ގޮވާލައްވައިފައެވެ.

އިޒްރޭލުން ގަތަރުގެ ދޯހާއަށް ދިން ހަމަލާއަކީ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެ ހަމަލާ ދީފައިވަނީ ހަމާސްގެ ލީޑަރުންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށެވެ.