ކާޑުގެ ބާވަތްތަކާއި މޭވާ އަދި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކެބިނެޓުން އެ ނިންމުން ނިންމާފައިވާއިރު، މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ވަނީ ފަށައިފައެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އޮރެންޖު ކިލޯއެއް މިހާރު ވިއްކަނީ 35 ރުފިޔާއަށެވެ.

