”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ އަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި މީޑިއާ ބިލަށް ގެންނަން އޭޖީ އޮފީހަށް ފެންނަ އިސްލާހުތައް އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މި ބިލު ދިރާސާކުރުމުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފައެވެ.

އޭޖީ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ބިލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ހިލާފު ވާހަކަތައް ފެތުރުމާއި، އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާހިޝް އަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުމާއި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި އަދި ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިސްލާހު ކުރުން ހިމެނެއެވެ.

އަދި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވެސް އެދިފައިވެއެވެ.

ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިހާބު ކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހުތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ އިސްލާހު ކުރުމަށް ވެސް އޭޖީ އޮފީހުން އެދިފައިވެއެވެ.

ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުމަށާއި އަދި ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްގުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވެސް ވަނީ އެދިފައެވެ.

މީގެއިތުރުން ބިލުގެ 42 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ ”ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު“ އުނިކޮށް، ”އާންމު މަސްލަހަތާގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު“ ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްސީލުކުރުމަށާއި އަދި ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުމަށް ވެސް އެދިފައިވެއެވެ.

މީޑިއާއިން ގެނެސްދޭ މައުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުމަށް ވެސް އޭޖީ އޮފީހުން ހުށަހަޅާފައިވެއެވެ.