އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ސިއްހީ ދާއިރާގެ ހުރިހާ ހިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އުފަންވާ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ ތާރީހީ ލިޔުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ.

އަދި މިހާރުވެސް މިދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާކަން ފާހަގަކުރައްވައި، ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން ބޭނުންވާކަން، އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެކި ދާއިރާތަކުން ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާގައި ޢިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ހާއްސަކޮށް ފާހަގަކުރެއްވޭ ކަމަށެވެ.

މީގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށް ތައާރަފުކުރެވިފައިވާ ޓެކްނޮލޮޖީ ހުރިކަން ފާހަގަކުރައްވައި، މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ކޮންފަރެންސްގެ މައުޟޫއުއަކީ ކޮންމެ ދިވެއްސެއްގެ ހަޔާތާ ގުޅިފައިވާ މައުޟޫއުއެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.