ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައު ވެބްސައިޓް އިފްތިތާހުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓު އިފްތިތާޙުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އައު ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާ ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެއް ކަމަށެވެ.
މި ވެބްސައިޓުގެ ޒަރީއާއިން ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހިންގާ ކޯސްތަކާއި، މަރުކަޒުން އިންތިޒާމުކުރާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހައިން ލިބިގެންދާނެއެވެ.
އަދި މީގެ އިތުރުން މަރުކަޒުގެ އެންމެހާ ޚަބަރުތަކާއި މައުލޫމާތުތައް ވެބްސައިޓު މެދުވެރިކޮށް އާންމުންނަށް ލިބެމުންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

