ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް އަންނަން އޮތް ޖީލުތަކަށް ވާރުތަ ކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަހުރުވެރި ތާރީހަކީ ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް ކަމަށެވެ.
މި ހުރިހާ ތަކެއްޗާއި ކަންކަން، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމަށާއި ދިވެހި ގައުމުގެ ދެމިއޮތުމަށްޓަކައި މިކަންކަން އަދާކުރުމަކީ ލާޒިމު ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ތަރިކައިގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ހުލްގު ހެޔޮ މަސައްކަތްތެރި، ހީވާގި އަދި މުރާލި ބައެއް ކަމަށެވެ.
ދިވެހި ވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ގައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ގައުމީ އަމާނާތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

