މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މީޑިއާގެ ތެރެއަށް ބޭކާރު ނުފޫޒު ފޯރުވިޔަ ނުދިނުން ކަމަށް ބަންޑާރަަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި މީހަކު ކުރި ޕޯސްޓަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި މައްސަލަތައް ހުރިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެހެންކަމުން ބަންޑާރަ ނައިބުގެ އޮފީހުން ބިލު މުރާޖައާކޮށް، މުހިންމު އިސްލާހުތަކެއް ހުށަހެޅުއްވި ކަމަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެހެން ބިލުތަކެކޭ އެއްފަދައިން، އެ ބިލްގެ ތަފްސީލުތައް އިތުރަށް ހަރުދަނާކޮށް، ކޮމިޓީ މަރުހަލާގައި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބިނާކުރަނިވި މަޝްވަރާތަކާއި، ހިޔާލު ހޯއްދަވައިގެން ކަންބޮޑުވުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށެވެ.

އިލެކްޓްރޯނިކް މީޑިއާގެ މާނަ ބަޔާން ކުރުމުގެ ގޮތުން އިލެކްޓްރޯނިކް މީޑިއާގެ މާނަ ސާފު ކުރުމަށް އިސްލާހުތަކެއް ހުށަހެޅުއްވި ކަމަށާއި މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ، މީޑިއާގެ ތެރެއަށް ބޭކާރު ނުފޫޒު ފޯރުވިޔަ ނުދިނުމާއި، ދޮގު މައުލޫމާތު ފެތުރުނަ ނުދިނުން ކަމަށް އުޝާމް ވިދާޅުވިއެވެ.

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ބިލަކީ، ޖަވާބުދާރީ ކުރުވުމާއި، ދޮގު މައުލޫމާތާއި، މީޑިއާގެ މައިދާނުގައި މައުލޫމާތު ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމު މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި އަދި ކޮންމެހެން ބޭނުންތެރި އުސޫލުތަކެއް އެކުލަވާލާފައިވާ ބިލެއް“ އުޝާމް ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަންޑާރަނައިބުގެ އޮފީހުން 13 އިސްލާހެއް ގެނައުމަށް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 10 ސެޕްޓެމްބަރުގައެވެ.