ސުލްހަވެރި ގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، އދ ގެ އާންމު މަޖިލީހުން މިއަދު ބަލައިގެންފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ގަރާރުތަކަކީ، ބައިނަލްއަގްވާމީ މުއާހަދާތައް ހަރުދަނާކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުންތެރި ގަރާރުތަކެއް ކަމަށެވެ.
”ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން“ ފާސްކުރުމަށް ރާއްޖޭން ވޯޓުދިނެވެ.
އަދި ރާއްޖެ ހިމެނޭހެން 142 ގައުމަކުން ވޯޓު ދިނީ ގަރާރު ފާސްކުރުމަށެވެ.
މި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓުދިނެވެ. އަދި 12 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ގަރާރަކީ މިދިޔަ ޖުލައި މަހުގެ 28އިން 30އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ ގައި ގައި ބޭއްވި މަތީ ފަންތީގެ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ.

