ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ނޫސްވެރިންގެ ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ވެރިއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވައިފައިވާ ބިލާ ގުޅޭގޮތުން  ނޫސްވެރިން ކަންބޮޑުވުންފާޅުކުރަމުންދިޔުމާ ގުޅިގެންނެވެ.

ޝިޔާމް ”‏އެކްސްގައި“ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު އަކީ ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ހާލިސް ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއެއް ކަމަށެވެ.

”މިހާރު މަޖިލީހުގައިވާ ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ހައްލު ކޮށްދެއްވާނެކަން ޔަގީން.“ މިނިސްޓަރު ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދޮގު މައުލޫމާތާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ކަނޑައެޅިގެން އެފަދަ މައުލޫމާތު ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި، މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިން ނޫސްވެރިކަމުގައި ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައަޅައި ދެމެހެއްޓުން ހިމެނެއެވެ.

މި ބިލުގެ ސަބަބުން ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިއީ ނޫސްވެރިކަން ކުރިއަށް ގެންދާނެ ބިލެއް ކަމަށެވެ.

އޭޖީ އޮފީހުން ވަނީ މި ބިލަށް 14 ‏އިސްލާހެއް ހުށަހަޅައިފައެވެ.