މީޑިއާތައް ރެގިއުލޭޓްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވިޔަސް، ސޯޝަލް މީޑިއާ އެކައުންޓުތައް ބްލޮކް ނުކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވީ، މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލާ ގުޅިގެން ބައެއް ނޫސްވެރިން ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

”ލޮބުވެތި ޒުވާނުން އަދި ރައްޔިތުން. މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު އަބްދުލް ހަންނާން ހުށަހަޅާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓުވިޓާ އެކައުންޓުތައް، މި ބިލު ރައްޔިތުންގެ މަޖިލީހުން މިސާލަކަށް ފާސްވިޔަސް ބަންދުވާގޮތަކަށް ބިލުގައި ނެތް،“ އޭނާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ނުޖެހޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ ބިލުގައި ހުރި ބައެއް ކަންބޮޑުވުންތަކާއެކު، ސަރުކާރުގެ ފަރާތުން އެ ބިލަށް ވަނީ 14 އިސްލާހެއް ހުށަހަޅައިފައެވެ.