ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެކަމަނާގެ ފިރިކަލުން، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ވިދާޅުވީ ނަސްރީނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެކަމަނާ މިހާރު ހުންނެވީ ގެކޮޅުގައި ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައީީސް މައުމޫންގެ އޮފީހުން ބުނީ މެޑަމް ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

އެކަމަނާ އިންފެކަޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށާއި ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަދިވމެޑަމް ނަސްރީނާ އަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި އަޅާލުން ފާހަކުރައްވާ، އާއިލާގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށްވެސް އޭރު ބުނެފައިވެއެވެ.

އުމުރުފުޅުން 74 އަހަރުގެ މެޑަމް ނަސްރީނާ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ފަސްޓް ލޭޑީގެ މަގާމު ފުރުއްވިއެވެ.