ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ބާސެލޯ ނަސަންދުރައިގައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުން ޝާއިއު ކުރެއްވި ”އަލިމަސް ޔޫބީލް ހަނދާނީ ފޮތް“ ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާހު ކޮށްދެއްވައިފައެވެ.

މީގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، އެމަނިކުފާނު ވަނީ އިނާމް ހަވާލު ކޮށްދެއްވައިފައެވެ.

ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށްވެސް ރޭގެ ޖަލްސާގައިވަނީ އިނާމް ދެއްވާފައެވެ.

މި މުވައްޒަފުންނަށް އިނާމް ޙަވާލުކޮށްދެއްވީ ބަންޑާރަނައިބު  އަހުމަދު އުޝާމްއެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، އެ އޮފީހުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަހުމަދު އުޝާމްއެވެ.

ރޭ ބޭއްވެވި ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ހިދުމަތްކުރައްވާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.