”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް 588 މީހަކު ދައްކައިފިއެވެ.

4000 ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ފަށައިފައިވަނީ މިއަހަރުގެ ޖުލައި 21 ވަނަ ދުވަހުގައެވެ.

އެފްޑީސީން ބުނީ، 909 ފަރާތެއް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ތާވަލު ކުރެވިފައިވާއިރު، 588 ފަރާތަކުން ފައިސާ ދައްކާފައިވާ ކަމަށެވެ.

އަދި 3000 އަށްވުރެ ގިނަ މީހުންނާއެކު ފުލެޓް އެއްބަސްވުން ހަދާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.

އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ އެފްޑީސީން ބުނެއެވެ.