ސްކޭމްގެ މައްސަލަތައް މަދުކުރުމަށް، ކ.މާފުށީގައި ހުންނަ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފޯނުތަކެއް އަތުލައިފިއެވެ.

ފުލުހުން ބުނީ، އެ ހިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، 2025 ސެޕްޓެމްބަރު 11 ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރއިން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.