އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ސަމިޓް ކުރިއަށްދާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓްގައި، ރައީސް ބަޔާނެއް އިއްވަވާނެއެވެ.
މި ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަކީ، ދިވެހިރާއްޖެއިން ގަތަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ.
އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް މިކަމުން ބާރުދެއެވެ.
މި މުނާސަބު ވަގުތުގައި، އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ގައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

