ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މީޑިއާ ފެންޑާ އުވާލައްވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައިވަނީ އިއްޔެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިއުވކުރެއްވި ނަންބަރު 2025-001 ނޫސް ބަޔާނުންނެވެ.

ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ހާއްސަކޮށް، ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 ގައި ގާއިމުކުރެއްވި މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަން އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެ އުސޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށާއި، އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

ގްރީން ޒޯންގައި ހުންނަ މިތަނުގައި އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިޔުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނެ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.