މޫނު ބުރުގާ އެޅިޔަސް، ސިވިލް ސަރވިސްގައި މަސައްކަތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

އިއްޔެ ގެޒެޓުކޮށް، އަމަލުކުރަން ފެށި ސިވިލް ސާވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށްފައެވެ.

އެގޮތުން އިސްލާހުގައި ވަނީ، މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ.

އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއ،ި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

މީގެ ކުރިން އެ އަކުރުގައި ބަޔާން ކޮށްފައި އޮންނަނީ، ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިއްމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

މިގޮތަށް އޮތުމުން، މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި މަސައްކަތް ނުކުރެވެއެވެ.

ނަމަވެސް މި އިސްލާހާއެކު ދެން މޫނު ބުރުގާ އަޅައިގެން ވެސް ވަޒީފާއަށް ނިކުންނަން ފުރުސަތު ފަހިވާނެއެވެ.