ނޭޕާލްގެ އާ ބޮޑުވަޒީރަކަށް ސުޝިލާ ކާރްކީ އައްޔަންކުރުމާ ގުޅިގެން، އެކަމަނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ސުޝިލާ އަކީ ނޭޕާލްގެ ތާރީހުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރި އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ އާ ބޮޑުވަޒީރަށް ކާމިޔާބީ އާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ސުޝިލާ ނޭޕާލްގެ ބޮޑުވަޒީރު ކަމަށް އައްޔަންކުރީ ބޮޑުވަޒީރަކަށް ހުންނެވި ކޭޕީ ޝަރުމާ އޮލީ މި މަހުގެ 9ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.