މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މ. ހެޕީބީޗް، އަޙްމަދު އަބޫބަކުރު (35އ) ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަހުމަދު އަބޫބަކުރު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިއަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.4އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

