”ބިންވެރިޔާ“ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަން ފަށައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން އެ ބިންތައް ދޫކުރެވޭނެ ކަމުގައެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގޯތި ލިބޭ ތަންތަން އަލުން ކަނޑައެޅުމަށްފަހު، މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1250 އަކަފޫޓުގެ 684 ގޯތި، 1650 އަކަފޫޓުގެ 1242 ގޯތި، 2050 އަކަފޫޓުގެ 923 ގޯތި، 2450 އަކަފޫޓުގެ 479 ގޯތި، 2850 އަކަފޫޓުގެ 158 ގޯތި، 3250 އަކަފޫޓުގެ 49 ގޯތި ވެސް ހިމެނެއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު، އެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ވަނީ ބޮޑު އިސްކަމެއް ދީފައެވެ.

