މޫނު ބުރުގާ އަޅައިގެން، ސިވިލް ސަރވަންޓުންނަށް މަސައްކަތް ކުރެވޭނެ މަގު ފަހިވާ ގޮތަށް ގަވާއިދު އިސްލާހު ކުރުމުން، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
އިއްޔެ ގެޒެޓުކޮށް، އަމަލުކުރަން ފެށި ސިވިލް ސާވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށްފައެވެ.
އެގޮތުން އިސްލާހުގައި ވަނީ، މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ.
އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއ،ި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. މިއާއެކު، މޫނު ބުރުގާ އަޅައިގެން ވެސް، ސިވިލް ސަރވަންޓުންނަށް މަސައްކަތް ކުރެވޭނެއެވެ.
މީގެ ކުރިން އެ އަކުރުގައި ބަޔާން ކޮށްފައި އޮންނަނީ، ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިއްމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.
މިގޮތަށް އޮތުމުން، މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި މަސައްކަތް ނުކުރެވެއެވެ.
މިނިސްޓަރު ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ، އަޅާފައި ހުންނަ ހެދުމުގެ ސަބަބުން ވަޒީފާއިން މަހްރޫމްކުރި ޒަމާން މިހާރު ފާއިތުވެ ގޮސްފައިވާ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން އިޖްތިމާއީ އަދާލަތު ގާއިމުވެ، މޫނު ބުރުގާއާމެދު އޮތް ތަފާތު ކުރުން ނެތިވެގެން ގޮސްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ އެހެންމެ، މި ތަފާތުކުރުން ނެތިގެން ދިއުމަކީ، އަންހެނުންގެ ވަޒީފާގެ ހައްގުތައް ހިމާޔަތްކުރުމުގައި ފަހިވި ފުރުސަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

