ރައީސް ޑރ.މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި، މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް މުއިއްޒު ގަތަރަށް ވަޑައިގެންނެވީ އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިޒްރޭލުން މި މަހުގެ ނުވަ ވަނަ ދުވަހު ގަތަރުގެ ދޯހާ އަށް ދިން ހަމަލާ ކުށްވެރި ކުރައްވައި، އިޒްރޭލުން މަސައްކަތް ކުރަނީ ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ސަރަހައްދީ ހަމަޖެހުމަށް ލޮޅުން އެރުވުމަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ގަތަރަށް ކުރެއްވި ދަތުރުގައި ވަނީ އެ ގައުމުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލު ކުރައްވައި، ރާއްޖެއާއި ގަތަރުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.