ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތް ދައްކާލުމަށް ”ފެހި މަންޒަރު“ އިފްތިތާހު ކޮށްފިއެވެ.
މިއަދު 15:30ގައި އެޗްޑީސީގެ ހެޑް އޮފީސް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، އެންވަޔަރްމަންޓް މިނިސްޓްރީގެ ނައިބު، އަހުމަދު އަތީފާއި، ޗީފް އޮޕަރޭޝަންސް އޮފިސަރ، އަހުމަދު އިބްރާހީމްއާއި، ފަސް މިލިއަން ގަސް މަޝްރޫއު ކޮމެޓީގެ މެމްބަރުންނާއި، އެޗްޑީސީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެޗްޑީސީން ބުނީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ”5 މިލިއަން ގަސް“ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން، 1 މިލިއަން ގަސް އިންދުމަކީ، އެ ކުންފުނީގެ އަމާޒު ކަމުގައެވެ.
މިއަދު އިފްތިތާހު ކުރި ފެހި މަންޒަރަކީ، އެޗްޑީސީގެ ފަރާތުން މިހައިތަނަށް އިންދި ގަހުގެ އަދަދު ދައްކުވައިދޭ ބޯޑެކެވެ.
މި ބޯޑުން ދައްކުވައިދެނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ މަސައްކަތާއި، އެ ކުންފުނީގެ 1 މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލު ވުމަށް ކުރަމުންދާ ހިތްވަރެވެ.

1 މިލިއަން ގަސް އިންދުމަށް އެޗްޑީސީން ކުރާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ޖޫން މަހުން ފަށައިގެން މިހައިތަނަށް 105،000 ގަސް އެ ކުންފުނިން ވަނީ އިންދައިފައެވެ.
އެޗްޑީސީން ބުނީ، އަމާޒަކީ ވީހައި ވެސް އަވަހަށް، އެ ކުންފުނީގެ 1 މިލިއަން ގަހުގެ އަމާޒު ހާސިލު ކުރުން ކަމަށާއި، މިކަމުގައި ދިވެހި ރައްޔިތުންނާއި، އެކި މުއައްސަސާތަކުން ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.
މާލެ ސަރަހައްދުން ނުކުމެ، އަތޮޅު ތެރޭގައި ވެސް ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ކުންފުނިން ބުނީ، ތިމާވެށި ހިމާޔަތްކޮށް، ރާއްޖެ ފެހިތަނަކަށް ހެދުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގައެވެ.

