މީޑިއާތައް ރެގިއުލޭޓް ކުރާ ބިލާ ދެކޮޅަށް ނޫސްވެރީން ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގައި ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައި ނުވާނެކަމަށް ބުނެފިއެވެ.

އެ މުޒާހަރާއާ ގުޅޭގޮތުން ފުލުހުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމުން ފުލުހުން ވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއިމ އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން ޑިޕްލޮއިކޮށްފައި ކަމަށެވެ.

ހޯމް މިނިސްޓްރީގެ އިއުލާންކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި ފުލުހުންގެ ހުއްދައެއް ލިޔުމުން ނުހޯދައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް އަދި އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެފަދަ ހުއްދައެއް ދީފައި ނުވާނެ ކަމަށާއި މަޖިލިސް ކުރާގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ހޯމްލޭންޑް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭކަމަށް ފުލުހުން ބުންޏެވެ.

މަޖިލިސްގެ ގެ ހުންނަ ސަރަހައްދަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންވެސް އެއްވުން މަނާ ސަރަހަދެއްކަމަށް ފުލުހުން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު އަންގާރަ ދުވަހުގެ އެއްވުމަކީ ގާނޫނާހިލާފު އެއްވުމެއްކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނ،ީ ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ބުންޏެވެ.

އެ މުޒާހަރާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސްއަޅައި ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެކަމަށް ފުލުހުން ބުންޏެވެ.