މީޑިއާ ބިލުގެ ސަބަބުން، އެތައް ބަޔަކު ދޮގު މައުލޫމާތުން ރައްކާތެރި ކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރުގަދަ އިގްތިސާދެއް ބިނާވެފައި އޮންނަނީ އިތުބާރުގެ މައްޗަށް ކަމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފައިވާ މީޑިއާ ބިލުގެ ސަބަބުން މީހުންނާއި، ވިޔަފާރިތަކާއި، އ މުޖުތަމައު ވެސް ދޮގު މައުލޫމާތުން ރައްކާތެރިކޮށްދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މި ގާނޫނުން އުފައްދަނީ އިންސާފުވެރި މީޑިއާގެ މާހައުލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލަކީ، މިދިޔަ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އިން ފާސްކުރައްވާފައިވާ ބިލެކެވެ.

މި ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލު ކުރަން ފަށައިފައެވެ.

މި ގާނޫނުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.